ޕީސް ފައުންޑޭޝަނާއި ނޮޅިވަރަމު ކައުންސިލް ގުޅިގެން އޯގަސްޓު 5އިން 8އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ "ލަކުސަނަ" ޕްރޮގްރާމު ހިންގުމަށް ރަށަށް އަންނަ އެކިއެކި ފަރާތްތަކުގެ ހުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ބައެއް ކަހަލަ ދަތިތަކާ ކުރިމަތިވާތީ، ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވާކަމަށް ކައުންސިލުން ބުނެފިއެވެ. 

އެގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ  މުހިންމު ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، ގޮދަޑި، ބާލީސް، ބެޑްޝީޓް އަދި ބުލޭންކެޓް ދެއްވެން ހުރި ފަރާތްތަކުން ނުވަތަ މިކަމުގައި އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވެން އޮތް ބޭފުޅުން 2026 ޖުލައި 28ވަނަ ދުވަހުގެ 16:00ގެ ކުރިން ކައުންސިލްގެ މެންބަރު މަރްޔަމް ޙަބީބް (7575566)އަށް ގުޅުއްވައި ކަން ހިއްސާކޮށްދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. 

"ލަކުސަނަ" ޕްރޮގްރާމަކީ ރަށުން ބޭރުން ގިނަ ޢަދަދެއްގެ އިސް ބޭފުޅުން ރަށަށް ވަޑައިގަންނަވާ ބިޔަ ޕްރޮގްރާމަކަށްވާތީ މިކަމަކީ މުޅި ރައްޔިތުންގެ މަސައްކަތެއް ކަމަށް ދެކިގެން ކައުންސިލަށް މިކަމުގައި އެއްބާރުލުން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. 

May be a graphic of text

މިއާއެކު މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބިލައްވާ އެއްބާރުލެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ރައީސް ވަނީ ޝުކުރު ދަންނަވައިފައެވެ. 

ކުރިއަށް އޮތް އޯގަސްޓު މަހު "ލަކުސަނަ" ްޕރޮގްރާމު ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު އެކަމަށް ޓަކައި ރަށުގެ އެކި ސަރަޙައްދުތައް ރީތިކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް މިހާރު ވެސް އެބަ ކުރިއަށްދެއެވެ. އޭގެތެރޭގައި ބަނދަރުގައި ކައުންސިލުން ޤާއިމުކުރާ މައިޒާނާއި ކުޑަކުދިންގެ ޕާކުގެ އިތުރުން ކުޅީގައި ހަދާ ޕްލެޓްފޯމު ނިންމުމުގެ މަސައްކަތް ބާރަށް އެބަ ކުރިއަށްދެއެވެ.