ހދ. ނޮޅިވަރަމުގައި ޕީސް ފައުންޑޭޝަނާއި ނޮޅިވަރަމު ކައުންސިލް ގުޅިގެން  ކުރިއަށްގެންދާ "ލަކުސަނަ"ގެ ޙަރަކާތްތަކައް އެރަށުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ޞަބާޙް ވިދާޅުވެއްޖެއެވެ. 

ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޞަބާޙް ވިދާޅުވީ ނޮޅިވަރަމުން މި ޕްރޮގްރާމަށް ލިބެމުންދަނީ މިހާތަނަށް "ލަކުސަނަ"އަށް ލިބިފައިނުވާފަދަ ބޮޑު ތަރުހީބެއް ކަމަށެވެ.  އޭނާ ފާހަގަކުރީ ނޮޅިވަރަމުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ޙަރަކާތްތަކަށް ރަޖިސްޓަރީކުރަން ހުޅުވާލުމުން، ވަރަށް ގިނަ ރިޕީޓް ސެޝަންތަކެއް ނަގަން މަޖުބޫރުވާ ވަރަށް ބައިވެރިން ލިބުނު ކަމަށެވެ. އަދި ބައިވެރިން ގިނަވުމުގެ ސަބަބުން އިތުރު ފެސިލިޓޭޓާސް ގެންނަން ވެސް މަޖުބޫރުވިކަމަށާއި މިއީ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލެއްވުމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. 

މި ޕްރޮގްރާމަށް ތައްޔާރުވުމަށް ޓަކައި ނޮޅިވަރަމުގެ ރައްޔިތުން ވަނީ ރަށުގެ އެކި ސަރަޙައްދުތަކުގެ އާބާތުރަ ފިލުވާ ރީތިކޮށްފައެވެ. އެގޮތުން ކައުންސިލުގެ އެދިލެއްވުމަކަށް ރަށުގެ ޤުދުރަތީ ރީތި ކުޅިއަށް ވަނުމަށް ފާލަމެއް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ހަދާ ނިންމާލައިފައެވެ. މިއީ މީގެ 10ވަރަކަށް އަހަރު ކުރިން ފެށިގެން ނޮޅިވަރަމުގެ ރައްޔިތުން  އެކަމަކަށް އެދިއެދި ގޮވަމުންދިޔަ ކަމެކެވެ. 

އަދި ހަމައެހެންމެ ނިމިދިޔަ 4ވަނަ ކައުންސިލްގެ ދައުރުގައި ނޮޅިވަރަމު ބަނދަރުގައި ހަދާފައިވާ ޖެޓީގެ އާބާތުރަ ފިލުވާ ވަނީ އައުކޮށްލައިފައެވެ.

"ލަކުސަނަ"އަކީ ޕީސް ފައުންޑޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ބިޔަ، ބޮޑު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޢާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. 

މި ޕްރޮގްރާމް މީގެކުރިން ވެސް ވަނީ އެކި ރަށްރަށުގައި ބާއްވައިފައެވެ. އޭގެތެރޭގައި މ. ދިއްގަރާއި، ށ. މިލަންދޫ ހިމެނެއެވެ. 

ނޮޅިވަރަމުގައި "ލަކުސަނަ" ކުރިއަށްދާނީ އޯގަސްޓު 5އިން 8އަށެވެ.