ހދ. ނޮޅިވަރަމުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޅިން އައު ޖެނެރޭޓަރެއް ގެނެސްފިއެވެ. 

އިއްޔެ މެންދުރުކުރީގެ ވަޤުތެއްގައި ރަށަށް ގެން މި ޖެންސެޓަކީ 800ކިލޯވޯޓުގެ ޖެންސެޓެކެވެ.

މި ޖެންސެޓާއެކީ ނޮޅިވަރަމުގައި ޖުމްލަ 4 ޖެންސެޓު ބޭނުންކުރާނެއެވެ. ނަމަވެސް މިވަޤުތު ބޭނުންކުރަމުންދާ 3 ޖެންސެޓުގެ ތެރެއިން އެކަތީގެ ބެޓެރި ނުލިބިގެން ވަނީ ސްޓާޓު ނުކުރެވިފައެވެ. އައު ޖަނަރޭޓަރާއެކު ރަށުގައި 800ކިލޯވޯޓުގެ 2 ޖަނަރޭޓަރާއި 600ކވގެ އެކަތި އަދި 400ކވގެ އެއްޗެއް ހުންނާނެއެވެ. 

ނޮޅިވަރަމުން ދާދިފަހުން ވެސް ވަނީ ކަރަންޓުގެ ބޮޑެތި މައްސަލަތަކެއް ދިމާވެ ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑި، ބައެއް ކޭބަލްތަކަށް ގެއްލުން ވެސް ލިބިފައެވެ. މި މައްސަލަތައް ޙައްލުކުރުމަށް ޓަކައި ވަނީ ހައި ވޯލްޓޭޖް ކޭބަލް ވެސް ވަޅުލާން ފަށައިފައެވެ. 

މިކަމާ ގުޅިގެން ނޮޅިވަރަމު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާމިރު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދަށާއި ފެނަކައިގެ އިސްވެރިންނަށް، ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ. އަދި ހަމައެހެންމެ ރަށުގެ ކަރަންޓު ވިޔުގަ އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އާލާތްތައް ވެސް އަވަސް މުސްތަޤުބަލެއްގައި ލިބިގެންދާނެކަމަށް ރައީސް އާމިރު ވިދާޅުވިއެވެ.

ނޮޅިވަރަމުގެ ކަރަންޓުގެ ޙާލަތަކީ ރަށުގެ ރައްޔިތުން އަބަދުވެސް ކަންބޮޑުވާ މިންވަރަށް ދަށުގައި އޮންނަ ކަމެކެވެ. ނަމަވެސް އިއްޔެ ގެނަ އައު ޖެންސެޓާއެކު ރައްޔިތުންނަށް ވަނީ އައު އުއްމީދުތަކެއް ލިބިފައެވެ.  އުއްމީދަކީ ރަށުގެ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ލިބިގެންދިޔުމެވެ.