މިއަދު މުޅިރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްރަށަށް އުދައިގެ އަޘަރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފިނިހޫނުމިން މިވަޤުތު ހުރި މިންވަރަށް ބަލާއިރު އެންމެ ގަދަޔަށް ވިއްސާރަކުރާނެކަމަށް ބެލެވެނީ މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. އެއީ މާލެ ސަރަޙައްދުގައި މިވަޤުތު ފިނިހޫނުމިން ހުރީ 26 ޑިގްރީ ސެލްސިއަސްގައެވެ. އަދި އެހެން ސަރަޙައްދުތަކުގެ ފިނިހޫނުމިން ހުރީ 30އިން މަތީގައެވެ.
މޫސުން ގޯސަވަމުންދާ މިފަދަ ދަނޑިވަޅެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައިފައެވެ. ފުލުހުން އިލްތިމާސްކޮށްފައިވަނީ އުޅަނދުތަކަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ ގިނައިން މީހުން ނުވަތަ މުދާ ނޭރުވުމަށާއި ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ކަންކަމުގައި ދަތުރުތައް ނުކުރުމަށާއި އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށެވެ.
ވީމާ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ އަދާހަމަތަށް ބެލުމަކީ އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު އެދުމެކެވެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ ވެސް ވަނީ މާލޭގެ ބައެއް ހިސާބުތަކަށް އުދަ އަރައި ބައެއް ކެފޭތަކަށާއި އެހެނިހެން ބައެއް މުދަލަށް ގެއްލުންތަކެއް ލިބިފައެވެ.
ކޮމެންޓްތައް (0)
ކޮމެންޓެއް ލިޔުއްވާ
މިހާތަނަށް ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ލިޔުއްވާ!