ދިވެހިރާއްޖޭގެ ފަޚުރުވެރި 61ވަނަ މިނިވަންދުވަހާ ދިމާކޮށް ށ. ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ލޮބުވެތި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން "އިސްރަށްވެހިންގެ ހަވީރު"އެއް ބާއްވައިފިއެވެ. 

އެރަށު ކައުންސިލުން ފާހަގަކޮށްފައިވަނީ މިއަދު މިދެކޭ މިނިވަންކަމުގެ މީރުކަން ހޯދައިދިނުމުގައި އިސްރަށްވެހިން ވެވަޑައިގެންފައިވާ ޤުރުބާނީއާއި ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ވާޖިބެއް ކަމަށެވެ ސައިފޮދަކާއެކު އިއްޔެ ހަވީރު އެރަށުގައި ކުރިއަށްގެންދިޔަ މި ޙަރަކާތަކީ އުފާވެރިކަމާއި އިޙްތިރާމު ފާޅުވެގެންދިޔަ ހިތްފަސޭހަ ވަޤުތުތަކެއް ކަމަށް ވެސް އެރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. 

"މި ހަވީރުގެ ތެރެއިން އިސްރަށްވެހިން އެކުގައި ބޭއްވި ޚާއްސަ ސައިފޮދަކީ އެކުވެރިކަމާއި ލޯތްބާއި ގާތްކަން އާލާވެގެންދިޔަ ވަގުތުކޮޅެކެވެ. މާޒީގެ ފޮނި ހަނދާންތަކުގެ ވާހަކަ ކިޔައިދިނުމާއި، ދުރު ހަނދާންތައް އާކުރުމުގައި އިސްރަށްވެހިން ހޭދަކުރި ވަގުތުތަކަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ."  -- ށ. ފޯކައިދޫ ކައުންސިލް

މި ޙަރަކާތުގައި ޘަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ ގޮތުން އިސްރަށްވެހިންގެ ފަރާތުން ރައިވަރާއި ފަރިހި ކިޔުން ފަދަ ހިތްގައިމު ހުށަހެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ހަމައެހެންމެ މި އުފާވެރި މުނާސަބަތުގައި، ކައުންސިލްގެ ފަރާތުން ވަނީ ހުރިހާ އިސްރަށްވެހިންނަށް ޚާއްސަ ހަދިޔާ ޕެކޭޖެއް ވެސް އަރުވައިފައެވެ. 

May be an image of one or more people