ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މިވަނީ ވަރަށް ބޮޑަށް ވިއްސާރަކުރަން ފަށައިފައެވެ. އެގޮތުން މިއަދު މިހާތަނަށް ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށް އޮތީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިރެއާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އަދި މީގެއިތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 50 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މުޅި ރާއްޖެއަށް ވެސް ކުރަމުން މިދާ ވިއްސާރައިގައި ކަނޑުތައް ޢާއްމުގޮތެއްގައި ގަދަވާނެއެވެ. އެހެންކަމުން މިރެއާއި މާދަމާ ވެސް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ އަދާހަމަތައް ބަލައިފައި މެނުވީ ކަނޑުމައްޗަށް ނޭރުމަށް އިލްތިމާސްކުރަމެވެ.
މިއަދުގެ ހެނދުނުގެ ވަޤުތެއްގައި ވަނީ ކ މާފުށީގެ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން އެރަށުގެ ތޮށިމައްޗަށް އުރި، ބޭނުން ނުކުރެވޭވަރަށް ގެއްލުން ލިބިފައެވެ. އަދި ހަމައެހެންމެ ތިލަފުށިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއް ވެސް ވަނީ ބަންޑުން ޖަހާލައިފައެވެ.
ކޮމެންޓްތައް (0)
ކޮމެންޓެއް ލިޔުއްވާ
މިހާތަނަށް ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ލިޔުއްވާ!