ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މަޤާމުން އިސްތިއުފާދިނުމަށް ޔޫއެފާއިން ގޮވާލައިފިއެވެ. 

އޭނާ އެ މަޤާމުން އިސްތިއުފާ ދިނުމަށް ޔޫއެފާގެ 55 މެންބަރުގެ ކޮމެޓީއަކުން ވަނީ ގޮވާލައިފައެވެ. އަދި އިސްތިއުފާ ނުދީފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އެ މަޤާމުން އިންފަންޓީނޯ ވަކިކުރާނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ދުނިޔޭގެ ގިނަ ޤައުމުތަކުން އަންނަނީ ފީފާގެ ރައީސްގެ ބައެއް ނިންމުންތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ދާދިފަހުން އޭނާ ހުށަހަޅާފައިވާ، ވޯލްޑް ކަޕުގެ %30 ކޮމާޝަލް ރައިޓްސް ވިއްކާލަން ނިންމުމާގުޅިގެންނެވެ.  އެކަމާ ގުޅިގެން ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރަން ވެސް ޔޫއެފާއިން ވަނީ ގޮވާލައިފައެވެ. އަދި އިންފަންޓީނޯ އުޅެނީ ފުޓުބޯޅައިގެ ޙަޤީޤީ ޖޯޝާއި ފޯރި ގެއްލުވާލަންކަމަށް ޔޫއެފާއިން ބުނެއެވެ.

މީގެއިތުރުން ދާދިފަހުން ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގައި ވެސް ބޭއިންޞާފުން ބައެއް ނިންމުންތައް ފީފާއިން ނިންމާފައިވާކަމަށް ވެސް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. 

އިންފަންޓީނޯ ފީފާގެ ރައީސްކަމާ ޙަވާލުވީ 2016ވަނަ އަހަރުއެވެ. އޭނާއަކީ ޔޫއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީއެވެ.