އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، 2028ވަނަ އަހަރުގެ ކޮޕާ އެމެރިކާ ނިމެންދެން ޤައުމީ ޓީމުގައި ދެމިހުންނާނެކަމަށް އިތުބާރުހުރި ކުޅިވަރާބެހޭ ރިޕޯޓުތަކުން ހާމަކޮށްފިއެވެ. 

ރިޕޯޓުތައް ބުނާގޮތުގައި އަދި މެސީ އޭނާގެ ޤައުމީ ޓީމުން ރިޓަޔާވާކަށް ވިސްނުމެއް ނުގެންގުޅެއެވެ.  ލަފާކުރެވޭގޮތުގައި 2028ގެ ކޮޕާ އެމެރިކާ ނިމެންދެން ޤައުމީ ޓީމަށް ކުޅޭނެކަމަށާއި އެއަށްފަހު އޭނާގެ ބައިނަލްއަޤުވާމީ ކެރިއަރު ނިންމާލާނެކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ. 

މެސީގެ ކެރިއަރުގައި އޭނާއާ އެންމެ ކައިރިން ވާދަކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 2026ގެ ވޯލްޑް ކަޕަށްފަހު ޤައުމީ ޓީމުން ރިޓަޔާވެފައެވެ.  އަދި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރ އާއި ކްރޮއޭޝިއާގެ ލުކާ މޮޑްރިޗް ވެސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.  ނަމަވެސް މެސީގެ ފަރާތުން އެކަހަލަ އެއްވެސް ޢިޝާރާތެއް އަދި ނުލިބެއެވެ. 

ފުޓުބޯޅައިގައި ކާމިޔާބުކުރެވެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދިކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މެސީ 2026ވަނަ އަހަރު ކުޅުނީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް 2030ގެ ވޯލްޑް ކަޕުގައި ނުކުޅޭނެކަމަށް ވެސް އޭނާ އަދިއެއް ނުބުނެއެވެ.