ހއ މުރައިދޫގެ ނިޔާ އެކަޑަމީން އިންތިޒާމުކޮށްގެން ތިލަދުންމަތީގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި "މަންތާ އެއަރ މުރައިދޫ ވެޓަރަންސް ވޮލީބޯޅަ މުބާރާތް 2026"ގައި ނޮޅިވަރަމު ތަމްޞީލުކުރާ ޓީމެއް ބައިވެރިވެއްޖެއެވެ. 

މި މުބާރާތަކީ ހއ އަދި ހދ އަތޮޅުގެ ރަށްރަށަށް ނިޞްބަތްވާ 35 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން 2025ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ނޮޅިވަރަމުގެ ކުޅިވަރު އެކަޑަމީއެއް ކަމަށްވާ މެޑްރިޑް ސްޕޯޓްސް އެކަޑަމީގެ ނަމުގައި ނޮޅިވަރަމުން ހޮވާލެވުނު މޮޅެތި ކުޅުންތެރިންތަކަކާއެކު ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. 

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 4ވަނަ ދުވަހު ހއ މުރައިދޫގައެވެ. 

މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ތެރޭގައި ހދ އަތޮޅުން ކުޅުދުއްފުށްޓާއި ފިނޭގެ އިތުރުން ނޮޅިވަރަން، އަދި ހއ އަތޮޅުން ބާރަށާއި ފިއްލަދޫ އަދި އުތީމާއި ކެލާ ހިމެނެއެވެ. 

ނޮޅިވަރަމަކީ 2025ވަނަ އަހަރުގެ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. މީގެ ބަރާބަރު 1 އަހަރުކުރިން ނޮޅިވަރަމުން ވަނީ އަތޮޅުގެ ވޮލީ ޗެމްޕިއަންކަމުގެ ތާޖު އަޅައިފައެވެ. 

މި މުބާރާތުގައި ނޮޅިވަރަމު ތަމްޞީލުކުރާ ޓީމަށް ތާޢީދުކުރާ އެންމެހާ ފަރާތްތަކަށް ވެސް މިއަދު ވަނީ ޖޯޒީ ގަތުމުގެ ފުރުޞަޠު ހުޅުވާލައިފައެވެ. އެގޮތުން ޖޯޒީގައި ޖަހަން ބޭނުންވާ މަޢުލޫމާތާއި ސައިޒު މެޑްރިޑް ސްޕޯޓްސް އެކަޑަމީގެ އިސްވެރިޔާ މުޙައްމަދު ޒިޔާދު (7973667)އަށް ވައިބަރު މެދުވެރިކޮށް ފޮނުވާލުމަށްފަހު އަގު ދެއްކުމުން ޖޯޒީ ލިބޭނެއެވެ.May be an image of text

ނޮޅިވަރަމު ޓީމުގެ އެދުމަކީ މި މުބާރާތުގައި އެ ޓީމުން އަނެއްކާވެސް ނޮޅިވަރަމުގެ ނަން މުޅި ތިލަދުންމަތީގައި ފަވާލުމަށް ޓަކައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ތާޢީދު މިކަމަށް ދެއްވުމެވެ.